އައްސުލްޠާން އިބްްްރާހީމް އިސްކަންދަރު
11 މަސް ކުރި | 0 ކޮމެންޓް26 އޭޕްރީލް 2012
އައްސުލްޠާން އިބްރާހީމް އިސްކަންދަަރު ރަސްގެފާނަކީ، އިސްލާމްދީނާއި ދިވެހި ޤައުމަށްޓަކައި ޝަހީދުވެ ވަޑައިގެންނެވި އަގުހުރި ދިވެހި ދަރިއެއްގެ ލޭފޮދުން ދެމިގެންއައި ދަރިކޮޅަކުން އުފެދިވަޑައިގެންނެވި އަގުހުރި ދިވެހި ބައްޕަކަށް އުފަންވެ ވަޑައިގެންނެވި ފިސާރިކެރޭ ދިވެހި ފިރިހެން ދަރިއެކެވެ. އެރަދުންނަކީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުންގެ ޝަހީދު ޢަލީ ޚަޠީބު ތަކުރުފާނުގެ މަރިޔަމް ކަބައިދި ކިލެގެ ގެ ދަރިކަބަލުން އައިމިނާ މާވާކިލެގެ ގެ އަގުހުރި ދަރިކަލުން ކަޅުތުއްކަލާއަށް، ފަހުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އަށް ބައްޕަ ވިދާޅުވާ ބޭފުޅެކެވެ. އިސްކަންދަރު މަހާރަދުން އުފަންވެ ވަޑައިގެންނެވީ 1041 ވަނަ އަހަރުއެވެ. އެއީ، ދިވެހި ޝާހީ ލެއިން އުފެދިގެން އައި ޝާހީ ޚާންދާނުގެ ފަޚުރެއްކަމުގައިވި އަދި ކީއްތޯ، މުޅި ދިވެހި އުންމަތުގެ ފަޚުރެއް ކަމުގައިވި ބޭފުޅެކެވެ. މިރަދުންނަކީ ދިވެހި ތާރީޚުގައި ރަސްކަލަކު އެންމެ ފުރަތަމަ އިސްކަންދަރުގެ ލަގަބު ބޭނުންކުރެއްވި ރަދުންނެވެ. މިރަދުންނަކީ އިސްކޮޅުފުޅު ދިގު ގައިގެ ކުލަ ދޮން ހެދިހުރި ސަމައްތަރު ހެޔޮ އެޒަމާނުގައި އެފަދަ އަނެކަކުނެތް ފަދަ ހިތްވަރުފުޅު ގަދަ ވިސްނުންފުޅު ތޫނު ޙިކުމަތްތެރި ކޯފާމަޑު ކެތްތެރި ބޭފުޅެކެވެ. ރައްޔިތުންގެ ރުހުމާއި ލޯބިލިބިވަޑައިގެން ހުންނެވި ރަސްކަލެކެވެ. އިސްކަންދަރު ރަސްގެފާނަކީ، ޢިލްމުވެރި ޢިލްމު ފަތުރުއްވަން ނުހަނު ގިނަގުނަ މަސައްކަތްތަކެއްކުރެއްވި ޢިލްމުވެރިންނަށް ކަމޭހިއްތެވި ރައްޔިތުންނަށް އޯގާތެރި ރަސްކަލެކެވެ. އިސްކަންދަރު ރަދުންނަކީ އެޒަމާނުގައި ހެވިކަމުގައި އަރާހުންނެވި މުދައްރިބެކެވެ. މީހުނަށް ކަނޑިއާއި ބަޑީގެ ހެވިކަމާއި ދުނި އުކުމާއި އޮޅުލަން ދަސްކޮސްދެއްވި އިސް އެދުރު ބޭކަލެކެވެ. މީހުންކުރާ ރަނގަޅު ކަންތައް ބަލައިގަނެ އެކަންކަމަށް ތަޢުރީފުކުރައްވާ މީހުނަށް ރަނގަޅު މަގަށް ހިތްވަރުދެއްވައި ރާއްޖޭގެ އާދަކާދަތައް އުފައްދަވައި، ވެރިކަން ހިންގުމުގެ ކަންކަމުގައި މީހުންގެ ލަފައާއި މަޝްވަރާ ހޯއްދަވާ އެކަންކަން ޤަބޫލުކުރެއްވި މެނޭޖަރ އެކެވެ. އިސްކަންދަރު ރަދުންގެ ޒަމާނަކީ ދިވެހިން ދުށް ރަންޒަމާންތަކުގެ ތެރެއިން އެންމެ އުޖާލާ އެއްޒަމާނެވެ. އުމުރާނީގޮތުންނާއި ތަހުޒީބާއި ތަރައްގީގެ މަގުގައި އަދި ކީއްތޯއެވެ. ޢިލްމުވެރިކަމުގެ ރޮގުންވެސް އެއިން ޒަމާނެއްގައިވެސް ދިވެހިން ނުދެކޭފަދަ ކުރިއެރުން ލިބިފައިވާ ދުވަސް ވަރެކެވެ. ފަގީރެއް މުއްސަންޖެއް ނެތި އެންމެން އެއްވަރަށް އުފާ ހިއްސާކުރި ޒަމާނެކެވެ. ރައްޓެއްސެއް ބީރައްޓެއްސެއްނެތި އެންމެން އެއްވަރަށް ހިނިތުންވެތިބި ޒަމާނެކެވެ. ދޭސީ، ބިދޭސީ، ފަރުދޭސީން އަތާއަތްގުޅައިގެން ތިބެ އުފާ ފާޅުކުރަމުންދިއަ ދުވަސްވަރެކެވެ. އަޅުގަނޑު މިއަދު ބަލާލަން ގަސްދުކޮށްފައިވަނީ އިސްކަންދަރު ރަދުންގެ ގައިކޮޅުގައި ހުރި މިދެންނެވި އެންމެހާ ރަނގަޅު ސިފަތަކަކަށް ނޫނެވެ. ނޫނީ އެރަދުންގެ ރަސްކަމުގައި ރާއްޖެ ހޯދި ޢުމްރާނީ ތަރައްގީ އަކަށްވެސް ނޫނެވެ. ޢިލްމީ ކުރިއެރުމާއި އިޤުތިޞާދީ ފުއްދުންތެރިކަމުގެ މައްޗކަށްވެސް ނޫނެވެ. އަޅުގަނޑު މިއަދު ބަލާލަން ގަސްދުކުރަނީ އިސްކަންދަރު މަހާރަދުން ދިވެހި ލަޝްކަރުގެ ކޮމާންޑަރ އިން ޗީފް ގެ މަޤާމުގައި ހުންނަވައިގެން ދިވެހި ޤައުމަށް ހޯއްދަަވާ ދެއްވާފައިވާ ނަޞްރުގެ މައްޗަށެވެ. ޚުދު އެރަދުން ހަނގުރާމައިގެ ލަޝްކަރުގައި ބައިވެރިވެ ވަޑައިގެން ހުންނަވައިގެން ކުރައްވާފައިވާ ހަނގުރާމަތަކުގައި ހޯއްދަވާފައިވާ ނަޞްރުގެ މައްޗަށެވެ. ދިމާވެދާނެ ކޮންމެ ނުރައްކަލަކާ ކުރިމަތިލެއްވުމަށް ކެރިހުންނަވައިގެން ދިވެހިންނަށް ހޯއްދަވާ ދެއްވާފައިވާ މިނިވަންކަމުގެ މައްޗަށެވެ. ކަނޑުއްވާ ލައްވާފައިވާ ޖިޒީތަކުގެ މައްޗަށެވެ. އެތަކެއް ޤަރުނުތަކެއްގައި ދިވެހިން ބިރުގަންނަވައި، ދިވެހިން ފޭރެމުންއައި ބޭރުގެ ބާރުތައް ސިއްސުވާލާ އިނދަ ޖައްސުވާލައި ގިއްގަޅުވާ ލެއްވިގޮތުގެ މައްޗަށެވެ. ދިވެހި ތާރީޚުން ފެންނަން އޮތްގޮތުން ބުރަކިރަނިންނާއި ކަޅު މުޙައްމަދު މަނިކުފާނުގެ ލޯބީގެ ކުޅިގަނޑުގެ ތެރެއިން ކަޅުމުޙައްމަދު މަނިކުފާނަށް ރަސްކަން ހޯދައި ދެއްވުމަށްޓަކައި ނޫނީ ބުރަކިރަނިން ރަސްކަމުގެ ސަންދާނަށް ހުރި ދަހިވެތިކަމެއްގައި ގޯވާގައި ހުންނަ ޕޯޗްގީޒް ވައިސްރޯ އަށް ދިވެހި ރާއްޖޭގެ އާމްދަނީގެބޮޑު ބައެއް ދެއްވުމަށް ވަޢުދުވެ ވަޑައިގެން ޕޯޗްގީޒް ގުރާބެއްގައި ވަޑައިގެން އޭނާގެ ކޮއްކޯފުޅު ދޮންބުޅާ ފާށަނާކިލެގެ ޝަހީދުކޮށް ވެރިކަން އަތުލެއްވިކަން ސާބިތުވެއެވެ. އަދި ބުރަކިރަނިންނާއި އެކަމަނާގެ ލޯބިވެރިޔާ އަދި ފިރިކަލުން ރަސްކަމަށް އަތްގަދަކުރެއްވުމުން ދެންކަންތައް ހިނގާ ދިޔަގޮތާއި ކަޅު މުޙައްމަދު މަނިކުފާނު، އައްސުލްޠާން މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުން ތިންވަނަ ފަހަރަށް ރާއްޖޭގެ ރަސްކަން ހޯއްދެވުމަށްޓަކައި 918ހ. ވަނަ އަހަރު މަލާބާރުކަރައަށް ވަޑައިގެން މިނިވަންކަމަށްވުރެ އަޅުވެތިކަން އިސްކުރައްވައި ކަންނަންނޫރު ޢަލީ ރާޖާއަށް ޖިޒީދީގެން ދިވެހިރާއްޖޭގެ ރަސްކަމުގައި ހުރުމަށް ރުހި ޤަބޫލުވެގެން ޢަލީ ރާޖާގެ ނައުފަހަރުގައި އަމިއްލަ ޤައުމާ ހަނގުރާމައަށް ވަޑައިގަންނަވަނިކޮށް ކަނޑުމަތިން ޕޯޗްގީޒުންގެ ނައުތަކަކާ ދިމާވެ އެމީހުންގެ ދަށަށް ޢަލީ ރާޖާގެ ހަނގުރާމަތީ ނައުފަހަރުގޮސް އެދެބައިމީހުންގެ މެދުގައި ރާއްޖޭގެ ފައިދާބެހެވި އެއްބަސްވުމަކަށް އާދެވިގެން އެ ދެބައިމީހުން ގޮވައިގެން ކަޅުމުޙައްމަދު ރަސްގެފާނު ވަޑައިގެން ރާއްޖެއާތޮޅެ ހަނގުރާމަކޮށް އައްސުލްޠާނު ޢަލީ (ފަސްވަނަ) ސިރީ އާނާންދަ މަހާރަދުންގެ އަތްޕުޅުން ވެރިކަން ފޭރިގަތް ގޮތުގެ ވާހަކަތަކަކީ ތާރީޚީ މުހިންމު ވާގިޢާ ތަކެކެވެ. އައްސުލްޠާން މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ކާފަ ދަރިކަލުން އައްސުލްޠާނު ޙަސަން (ނުވަ ވަނަ) ސިރީ ދިރި ކުސަ ލޯކަ މަހާރަދުން އޭނާގެ އެއްބަޑު އެއްބަފާ ބޭބެ އައްސުލްޠާނު މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުން ޤަތުލުކޮށް ރަސްކަން ފޭރިގަނެ ރަސްކަމަށް އިސްވެ ވަޑައިގެން ފާޅުކުރެއްވި ޢައްޔާޝީ ދިރިއުޅުއްވުމުގެ ވާހަކައާއި އަދި އެންމެފަހުން އޭނާއަށް ހުންނެވުނު މިމާތް އިސްލާމް ދީންވެސް ކަމުނުގޮސްގެން ރާއްޖެ ދޫކުރައްވައި ކޮއްޗެއަށް ވަޑައިގެން ޢީސާއީ ދީނުގެ މަޝްހޫރު ފާދިރީ ސެންޓް ފްރެޝިސް ސޭވިއަރ ގެއަތްމައްޗަށް ޢީސާއީ ދީނަށް ވަންނަވާ އެއަށްފަހު ގޯވާއަށް ވަޑައިގެން އެރަށުން ޢީސާއީ މާތް މަތިކޮޅެއްގެ ދޮން ފަރަންޖީ އަންހެނަކާ ކައިވެނިކޮށް، އެވަރުންވެސް ހިތްޕުޅު ހަމަޖެހި ވަޑައިނުގެން ދިވެހިން ނަޞާރާކުރުމަށާއި ދިވެހި ރާއްޖެގެ ރަސްކަމަށް ދަހިވެތިވީލެއް ބޮޑުކަމުން ދިވެހި ރާއްޖޭގެ އާމްދަނީގެ އެތައްބައިކުޅަ އެއްބައި ޕޯޗްގީޒުގެ ވެރިންނަށް ދެއްވުމަށް ވައުދުވެ ވަޑައިގެން ޕޯޗްގީޒްގެ ހަނގުރާމަމަތީ ބޮޑެތި ފްލީޓްތައް ފޮނުއްވައިގެން ރާއްޖެއާ ދެކޮޅަށް ކުރެއްވި ބޮޑެތި ހަނގުރާމަތަކުގެ ވާހަކަތަކަކީ ދިވެހި ތާރީޚުގެ ތެރެއިން ކިޔާހިތްވާ ނުހަނު ދިލްޗަޝްޕް ވާހަކަތަކެކެވެ. ނުވަވަނަ ޙަސަން ރަސްގެފާނަށް ނުކުރެއްވުނު ކަންތައް ކުރެއްވުމަށް އޭނާގެ ކާފަ ދެ ދަރިކަލުން ކަމަށްވާ ދޮން ލަ ވީޒް އާއި ދޮން މާ ލަ ވީޒް އާ ދެބެން 1059 ވަނަ އަހަރު ޕޯޗްގީޒްގެ ކަނޑުމަތީގެ ބޮޑު ފްލީޓެއްގައި ރާއްޖެ ހިފަން އަތުވެއްޖެއެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި ރެދަލިކުރައްވަމުން ގެންދަވަނީ އިސްކަންދަރު ރަދުންނެވެ. އިސްކަންދަރު ރަސްގެފާނުގެ ގާއިދު ކަމުގައި މިކުރެވުނު ފުރަތަމަ ހަނގުރާމައިގައި ﷲ ގެ މަތިވެރި ނަޞްރު ދިވެހިންނާ ދިމާއަށް ހިނިތުންވެގެން އައީ މާކަ ބޮޑު އުދަގުލަކާ ނުލައެވެ. މިހަނގުރާމައިގައި ދޮން ލަ ވީޒް މަރުވެ ދޮން މާ ލަވީޒް އަށްވެސް ބޮޑެތި އަނިޔާތަކެއްވެ، ޕޯޗްގީޒްގެ ފްލީޓް ބަލިވެގެން އެނބުރި ގޯވާއަށް ހިގައްޖެއެވެ. ދޮންލަވީޒް އާއި ދޮންމާލަވީޒް އިސްވެ ތިބިގެން ޕޯޗްގީޒުން ދިވެހިންނާ މިކުރި ނާކާމިޔާބު ހަނގުރާމައިން ހަމަ އެކަނި ޕޯޗްގީޒުމީހުން ދިވެހި ލަޝްކަރުގެ އަތުން ބަލިވުމުގެ ލަދުވެތިކަމާއި ކުރިމަތި ލާންޖެހުމުގެ އިތުރުން މިހަނގުރާމައަށްފަހު އެމީހުންނަށް ކޮށި ދަނޑު ގެއްލި، މަރިޔަބުވެސް ގެއްލުނީއެވެ. އާދެ، އެހާތަނާޖެހެންދެން ދިވެހިން ޕޯޗްގީޒުންނާއި ކަންނަންނޫރު ޢަލީރާޖާގެ އަޅުވެތިކަން ޤަބޫލުކޮށްގެން ދެމުން އައި ޖިޒީ ފިސާރި ކެރިހުންނަވައިގެން އިސްކަންދަރު ރަސްގެފާނު ކަޑާލެއްވީއެވެ. ދެއްވުން ހުއްޓާލެއްވީއެވެ. އަމިއްލަ މިނިވަންކަން އިޢުލާންކުރެއްވީއެވެ. ދިވެހިންގެ ކެރި ފޯރުންތެރިކަން ހާމަކުރެއްވީއެވެ. ނަތީޖާއަކަށްވީ ޕޯޗްގީޒު ބަލި ޤަބޫލުކޮށްގެން ތިބުމެވެ. އަދި އެއަށްފަހު ޕޯޗްގީޒު ދިވެހިންނާއި ތޮޅެ ހަނގުރާމަކޮށް ދިވެހި ކަނޑުތަކުގެ އަޑީގައި ވަޅުލެވުމަށް ކަފުން ބަދެގެން ދަތުރުހަދައިގެން އައިސް އެމީހުންގެ އަނބިން ހުވަފަތްކޮށް ދަރިން ޔަތީމުކުރަން ދިވެހިންނާއި ކުރިމަތިލުން ހުއްޓާލުމެވެ. ދަހިވެތި ކަންނަންނޫރު ޢަލީ ރާޖާ އިތުރު އެއްދަރު އުނުފޮށައިން ޖަހައި ކަންނަންނޫރުގެ ގަދަފަދަ ކިއްލާތެރޭ ފިލާހުރެގެން އޭނާގެ ނިކަމެތި މަލާބާރު ސިފައިންގެ ބޮޑު ފްލީޓެއް ގުރާބުތައް ފުރެންދެން ހަތިޔާރުލާ ބަރާކޮށްފައި ދިވެހިންނާ ތޮޅެ މަރުވުމަށް ނޫނީ ދިވެހިންނަށް ބިރު ދައްކާ ރަށްރަށް ލޫޓުވާ މީހުން ފޭރުމަށް ފޮނުވިއެވެ. އެމީހުންގެ މަޤުޞަދަކަށްވީ "ބޯހަރު" ދިވެހިންނަށް ބޮޑުއަދަބުން އަދަބުދިނުމެވެ. ޢަލީ ރާޖާގެ މި ބޮޑު ލަޝްކަރު ރާއްޖެ ވަން ޚަބަރު ލިބިވަޑައިގަތުމާއެކު އިސްކަންދަރު ރަސްގެފާނު ޚުދު ރަދުން ލަޝްކަރުގައި ހިމެނިވަޑައިގެން މިޒަމާނުގެ ބަހުރުވައިން ބުނެއުޅޭ "ލީޑް" ބައި އެގްޒާމްޕަލް އިޢުލާންކުރައްވަމުން ދިވެހި ލަޝްކަރުގޮވައިގެން ވަޑައިގެން މަލާބާރުގެ ހަނގުރާމަވެރި ފްލީޓްއާ ބައްދަލުކޮށް ހަނގުރާމަ ފެއްޓުމުން އެމީހުން ބަލިވެ ފިލައިގެން ދިއައީއެވެ. މިބަލިވި ބަލިވުމަކުން ކަންނަންނޫރު ޢަލީ ރާޖާ ބަލި ޤަބޫލުކުރާގޮތެއްނުވިއެވެ. ދެވަނަ ފަހަރަށްވެސް ޢަލީ ރާޖާ ހަރުގައި ފިލާހުރެފައި މަލާބާރުގެ ހަނގުރާމަވެރިން ރާއްޖެއާ ތޮޅެ ދިވެހިންނަށް ބިރުދައްކާ ރަށްރަށް ލޫޓުވާ މީހުން ފޭރުމަށް ފޮނުއްވިއެވެ. މިފަހަރުވެސް އިސްކަންދަރު ރަސްގެފާނު ފޮނުއްވި ލަޝްކަރުގޮސް ހަނގުރާމަފެށުމުން ފިނޑި މަލާބާރީން ބިރުން ފިލައިގެން ދިއައީއެވެ. ދެ ބަލިވުމަކުންވެސް ޢަލީރާޖާއަކަށް އިބުރަތެއް ޙާސިލެއްް ނުކުރެވުނެވެ. ބަލި ގަބޫލެއް ނުކުރެވުނެވެ. އެމީހުންގެ ދުއްތުރާތަކަކުން ރާއްޖެއަކަށް ސަލާމަތެއް ނުވެވުނެވެ. ޢަލީ ރާޖާ ދޭތެރެ ދޭތެރެއިން މަލާބާރުންގެ ފްލީޓްތައް ފޮނުވައި ދިވެހިންނަށް ބިރުދައްކައި ރަށްރަށް ލޫޓުވުން ހުއްޓުމަކަށް ނުގެނައެވެ. ދިވެހިންނަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ ބައެކެވެ. ހަމަނުޖެހުމާއި ހަނގުރާމައާ ތަޅާފޮޅުމަށް ލޯބިކުރާ ބައެއް ނޫނެވެ. އަމުދުން އިސްކަންދަރު ރަސްގެފާނު ގައިކޮޅުގައި މިދެންނެވި ސިފަ އެއްގޮތަަކަށްވެސް އެކުވެފައެއް ނުވެއެވެ. އެހެންނަމަވެސް، އެންމެފަހުން އިސްކަންދަރު ރަސްގެފާނަށް ޖެހިވަޑައިގަތީ މަލާބާރުންގެ ދުއްތުރާތަކަށް ހުއްޓުވުމެއް ގެނައުމަށްޓަކައި ކަންނަންނޫރު ޢަލީ ރަޖާއަށް ފިލާވަޅެއް އުގަންނާދޭށެވެ. މިކަމަށްޓަކައި އިސްކަންދަރު ރަސްގެފާނު، އެރަދުންގެ ހަނގުރާމަވެރިންގެ ލަޝްކަރެއް ތައްޔާރުކުރައްވާ ޢަލީރާޖާއާ ހަނގުރާމައަށް ފޮނުއްވީއެވެ. މިލަޝްކަރުގެ މީހުންގޮސް "ދީވަންދުރޯ ގެ ރަށްރަށަށް ކަޑި ބަޑި ހިފައިގެން ފައިބައި އެތާނގެ އަހުލުވެރިން ބިރުގަންނަވައި އެތާގައި ތިބި ޢަލީ ރާޖާގެ ލަޝްކަރީން ފައްސައި މީހުންގެ މުދައު ފޭރި ގޭގެ އަންދައި ޢަލީ ރާޖާގެ ލަޝްކަރީން ދިވެހި ރާއްޖެއައިސް ކަންތައްކުރާ ފަދައިން އެމީހުން އެތާގައި ކުރާނެހާ ކަމެއްކޮށްފައި ނަޞްރުލިބިގެން" މާލެ އަތުވެއްޖެއެވެ. އިސްކަންދަރު ރަސްގެފާނު މި ހޯއްދެވި މަތިވެރި ނަސްރަށްފަހު ޢަލީ ރާޖާގެ އަތްދަށުގައި އޮތް މަލިކަށް ލަޝްކަރު ފޮނުއްވައި މަލިކުގެ ވެރިން ހައްޔަރުކުރައްވައިގެން މާލެގެންެނަވައި "އެތައް ދުވަހަކު މާލޭގައި ބޭތިއްބެވުމަށްފަހު މަލިކުގެ ވެރީން ރަށަށް ފޮނުއްވެވީ މަލިކުން ދިވެހި ރާއްޖޭގެ ރަދުންނަށް އަހަރަކު ބާރަ ލާރިމަގުން ވާރުދިނުމަށް ޤަރާރު ކުރައްވާފައެވެ." އަޅުގަނޑު މި މަޒުމޫނު ލިޔަމުން ދިޔައިރު އިސްކަންދަރު ރަސްގެފާނާއި އެހެން ރަސްރަސް ކަލުން ހަނގުރާމާގައި ޢަމަލުކުރައްވާފައި ވަނިކޮށް ފެނުނުއެންމެ ބޮޑު ތަފާތަކީ އިސްކަންދަރު ރަސްގެފާނު އޭނާ ކުރެއްވި އެއްވެސް ހަނގުރާމައެއްގައި ބޭރުގެ އެއްވެސް ފަރާތެއްގެ އެހީތެރިކަމަށް އެދިވަޑައިގެންފައި ނެތުމެވެ. އަމިއްލަ ނަފުސަށް ކުރެއްވި އިއުތިމާދާއި ޔަގީންކަމާއި އޭނާގެ ލަޝްކަރަށް ކުރެއްވި ބޮޑު އިތުބާރާއި ދެއްވި ޔަގީން ކަމެވެ. އިސްކަންދަރު ރަސްގެފާނުގެ ލަޝްކަރު ތަމްރީނު ކުރެއްވުމަށް ކުރައްވާފައިވާ މަތިވެރި މަސައްކަތްޕުޅެވެ. އެ ރަދުންނާއި ރަދުންގެ ލަޝްކަރާ ދެމެދު އުފައްދަވާފައި އޮތް ގާތްގުޅުމެވެ. އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ޕޯޗްގީޒުމީހުންނާ ކުރެއްވި ހަނގުރާމައިގައި މާލެއަށް އަރާވަޑައިގަންނަވަން ވީވަގުތު ކަންނަންނޫރު ޢަލީ ރާޖާގެ އަސްކަރީ މަދަދަށް އެދިވަޑައިގަތެވެ. އަދި މާލެ އަރައިވަޑައިގަތީ އެތަކުރުފާނާއެކު ޢަލީ ރާޖާ ފޮނުއްވި މަލާބާރީ ލަޝްކަރު ގޮވައިގެންނެވެ. އައްސުލްޠާން އަލްޢާޒީ ޙަސަން އިއްޒައްދީނު ދޮންބަންޑާރައިން ކަނައްކަފޫޅު މަރުއްވައި މަލަބާރު ހޮޅިން އަތުން ރާއްޖެ ސަލާމަތްކުރައްވައި ރާއްޖޭގެ ދިފާޢުގައި ފަރަންސޭސި ހަނގުރާމަވެރިންގެ ބަޔަކު ކުއްޔަށް ހިއްޕަވައި މާލޭގައި ނާނޭ ބުރުޒުގައި ބޭތިއްބެވިއެވެ. 1988 ނޮވެމްބަރު 03 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ސިލޯނުގެ ތަމަޅަ ޓެރަރިސްޓް ބަޔަކާއި ބައިވެރިވެގެން އައިސް ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ހިންގި އުދުވާނުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އިންޑިއާއިން އަސްކަރީ އެހީ ހޯއްދެވިއެވެ. އިސްކަންދަރު ރަސްގެފާނަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ޣާޒީގެ ލަގަބު އެރުވުން ޙައްޤު ރަސްކަލެކެވެ. އަޅުގަނޑު އިސްކަންދަރު ރަސްގެފާނަށް ޣާޒީގެ އިއްޒަތްތެރި ލަގަބު އަރުވަމެވެ. އެ ރަދުންނަށް ސެލިއުޓް ކުރަމެވެ. އެއީ، ދިވެހިންގެ ތެރެއިން ޣާޒީގެ ލަގަބު އެރުވިފައިވާ މަދު ބޭފުޅުންގެ ލިސްޓަށް އިތުރުވެގެންދާނޭ ނަންފުޅެކެވެ. އެއީ، އައްސުލްޠާނު އަލްޣާޒީ އިބުރާހީމް އިސްކަންދަރު ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނެވެ. އެއީ، މިރާއްޖޭގެ ތާރީޚުން ނަންއެނގޭ 67 ވަނަ ރަސްގެފާނެވެ. އައްސުލްޠާން އަލްޣާޒީ އިބުރާހީމް އިސްކަންދަރު ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ރަސްކަންކުރެއްވީ 1648 މ އިން 1687 މ އަށެވެ. އިސްކަންދަރު ރަސްގެފާނު އަވާހަރަވީ ނޫނީ ޝަހީދު ކުޅައީ 1098 ހ. ޖުމާދިލްއާޚިރު 15 ވީ ހުކުރު ވިލޭރެއެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގައެވެ. "ބަހުގައި ބުނެވެޔޭ އެމަނިކުފާނުންގެ ދަރިކަލުންގެ މައި މަރިޔަމް ކަބާފާނު އެރަސްގެފާނު އަލާސްކަންފުޅުގައި އޮންނަވަނިކޮށް ވިހަޔެއް ލާފައިހުރި ޝަރުބަތެއް ހިއްޕަވާން އެރުވީއެވެ." އިސްކަންދަރު ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގަތީ 1058 ހ. ގައެވެ. އިސްކަންދަރު ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގެން ކަމަށް ތަންގީހު ކުރެވުނު ދިވެހި ރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު ގައި މުޙައްމަދު އަމީންބަޔާން ކުރައްވަނީ "އޭރު ޢުމުރުފުޅުން އޮތީ 18 އަހަރު ފުޅަށެވެ". ދިވެހި ތާރީޚު ފޮތުގައި ވަނީ "މިރަދުން ރަސްކަމަށް އިސްވެ ވަޑައިގެންނެވިއިރު އުމުރުފުޅުން އަށާވީސް އަހަރު ފުޅެވެ. ރަސްކަން ކުރެއްވީ 39 އަހަރާ 6 މަހާ 10 ދުވަހުއެވެ". (އަޅުގަނޑު މި މަޒުމޫނުގައި އިސްކަންދަރު ރަސްގެފާނު އުފަންވެ ވަޑައިގެން އަހަރަކީ 1041 ހ. ކަމަށް ނިންމާފައިވަނީ މުޙައްމަދު އަމީނުގެ ލިޔުއްވުމަށް ބަލައިގެން އޭރު އެރަދުންގެ އުމުރުފުޅުން ފުރާފުރިހަމަވެފައި ވާނީ 17 އަހަރުކަމަށް ބަލައި، ރަސްކަމަށް އިސްވެ ވަޑައިގެންނެވި ތާރީޚުން 17 އަހަރު އުނިކޮށްގެންނެވެ. ދިވެހި ތާރީޚު ފޮތުގައި އޮތްގޮތަށް 28 އަހަރު ކަމަށް ބަލާނަމަ އިސްކަންދަރު ރަސްގެފާނު ދުނިޔެއަށް އުފަންވެ ވަޑައިގެންފަވާނީ 1030 ހ. ވަނަ އަހަރުއެވެ). އިސްކަންދަރު ރަސްގެފާނު ކުރައްވާފާހުރި ހަނގުރާމަތަކާއި އެރަދުންގެ ޢަމަލުފުޅުތަކާ މެދު މިއަދު އަޅުގަނޑުމެންގެ ސިފައިން ވިސްނައި ދިރާސާ ކުރަންޖެހެއެވެ. ގެންގުޅުއްވާފައިވާ ސްޓްރެޓަޖީތަކާއި މެދު ވިސްނައި ފިކުރުކޮށް ފިލާވަޅުތަކެއް ތައްޔާރުކޮށް މިއަދު އަސްކަރީ ދަރިވަރުންގެ ކޯސް ސިލަބަސްތެރޭގައި ހިމަނަން ފެނެއެވެ. ހަމައެކަނި އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައި ހިނގާފައިވާ ހަނގުރާމަތަކެއް ނޫނެވެ. ދިވެހި ތާރީޚުން ފެންނަން ހުރި ދިވެހިން އެހަނގުރާމައެއް ކޮށްފައިވާ ކޮންމެ ހަނގުރާމައަކާ ގުޅޭގޮތުން މިދެންނެވިފަދަ ހޯދުންތަކެއް ހޯދާ މިޒަމާނުގެ ވިސްނުމަކުން ވިސްނައި ދިރާސާކުރަން އެބަޖެހެއެވެ. ކަމެއް ދިމާވާނީ ބުނެފައެއް ނޫނެވެ. ބުނެއުޅޭ ދިވެހި ބޯދާ ބަހެއްވެއެވެ. އެބަހުން ޢިބުރަތް ޙާސިލުކުރަން ޖެހެއެވެ. މާދަމާ ދިމާވެދާނެ ކަމަކަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެންގެ މާހައުލު އަޅުގަނޑުމެންގެ ޓަރޭން އެންމެ ރަނގަޅަށް ދަންނަބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެއެވެ. އަޅުގަނޑުގެ ހިތުގެ ޚާލިސް ހެޔޮ ދުޢާވަނީ އަމަން ބަލަހައްޓާ ބާރުތަކާއެކުގައެވެ. ކުރިއަށް ދިވެހި ޤައުމު! ކުރިއަށް ދިވެހި ސިފައިން! * މަޢުލޫމާތު އެއްކުރީ: ދިވެހި ތާރީޚު - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު. | ތަންގީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު - މުޙައްމަދު އަމީނު.
No comments:
Post a Comment